
އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ބަލައި އެ ސަރަހައްދަށް ދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓް ވެއްޖެއެވެ.
ހިތަދޫގައި 2 ސައިކަލު ޖެހިގެން އެކްސިޑެންޓްވެފައި ވަނީ އެ އަވަށު ޑެއިޒީ މަގާއި އެޅޭ ދީދީ މަގު ކަންމަތީގައެވެ.
ފުލުހުން މިއަދު ބުނީ ރޭ 9:40 ހާއިރު ހިނގި މި އެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 4 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެމީހުންނަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގުމުން، އަނިޔާވި މީހުން ބަލައިދިޔަ އެމްބިއުލާންސްވެސް ރޭ ވަނީ އެކްސިޑެންޓްވެފައެވެ. ފުލުހުން ބުނީ އެމްބިއުލާންސް އެކްސިޑެންޓްވެފައި ވަނީ ކާރެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވިނަމަވެސް، އެކްސިޑެންޓްވި ކާރު ފުލުހުން ވަނީ ޓޯ ކޮށްފައެވެ.
މި 2 މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

