
އައްޑު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ތަރައްޤީ ހަމަހަމަކޮށް ފޯރުކޮށްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އައްޑޫ މީދޫ އަދި ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހުޅުދޫއާއި މީދޫ އިދާރީ ގޮތުން ވަކި ކުރެވިގެން ދިއުމަކީ އެ ދެ ރަށުގެ ތަރައްޤީގެ ފެށުންކަމަށެވެ.
މި ދެ ރަށުގެ ރައްޔިތުން ބާކީކުރުމުންނާއި ނިކަމެތިކުރުމަށް ނިމުމެއް ގެނެސްދެއްވާނެކަމަށް ވަޢުދުވެ ވަޑައިގަންނަވާކަމަށާއި އަސާސީ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހިކަމުގެ ޚިދުމަތްތައް ރައްޔިތުންގެ ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް ފަހިކޮށް ދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި އަންނަ އަހަރު އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޚިދުމަތްތައް ދިނުމަށް ފެށިގެންދާނީ ރައްޔިތުން އެދޭ ގޮތަށްކަމަށާއި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ތަރައްޤީ ހާޞިލްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ތަރައްޤީގެ ދާއިރާގައި، ޞިއްޙީ ދާއިރާ ކަމުގައިވިޔަސް، ތަޢުލީމީ ދާއިރާ ކަމުގައިވިޔަސް، ވަޒީފާގެ ގޮތުން ވިޔަސް، ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް، ސަރުކާރުގެ ބަޖެޓު ތެރެއިންވިޔަސް، އަދި އެހެނިހެން ގޮތްގޮތުން ޕްރައިވެޓް ސެކްޓަރއިން އަޅުގަނޑުމެން ފަހިކޮށްދޭ ކަންކަން ކަމުގައިވިޔަސް، އައްޑު އަތޮޅު ހަމަހަމަ ގޮތުގައި ތަރައްޤީވާނެ. ސަރުކާރުން އެކަންކަން ކޮށްދޭނެ.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އައްޑޫގެ ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ހަމަޖެހިފައިވެއެވެ.

