ބުރާސްފަތި ދުވަހުގެ ފަތިހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ފަހު މީހާއެވެ.
އޭނޭގެ ހަށިގަނޑު ފެނިފައިވަނީ، އޮޔާދަނިކޮށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްއިން ބުރާސްފަތި ދުވަހު ބަނޑުން ޖަހާލި ކޮޅުވެއްޓި، “އަލްމާކް-ފިޔަ” އިން ގެއްލުނު މީހުންގެ ތެރެއިން 3 ވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ. ފެނިފައިވަނީ ސްރީލަންކާ ރައްޔިތެކެވެ.
ބުރާސްފަތި ދުވަހުގެ ފަތިހު ވަގުތެއްގައި ބަނޑުން ޖަހާލި 100 ފޫޓުގެ މި ކޮޅުވެއްޓި ދަތުރުކުރަމުންދިޔައީ މާލެ އަތޮޅު އެރިޔަދޫއަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި 7 މީހުންގެ ތެރެއިން، 3 މީހުން ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭއިރު، ފުރަތަމަ ފެނިފައިވަނީ ދިވެހި މީހާގެ ހަށިގަނޑެވެ.
ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ޙޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެދުވަހު ހެނދުނު ފެނިފަވަނީ، ގއ.ދާންދުއަށް ނިސްބަތްވާ އަޙުމަދު ޝިފާންގެ ހަށިގަނޑެވެ. ގެއްލިގެން ހޯދަމުން ދިޔަ ދެވަނަ މީހާއަކީ އިންޑީއާ ރައްޔިތެކެވެ. އޭނާ ހަށިގަނޑު ފެނިފައިވަނީ އެދުވަހުގެ މެނދުރެއްހާއިރު ދެވަނަ މީހާގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ. އޭގެ ފަހުން ސްރީލަންކާއަށް ނިސްބަތްވާ ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކޮށްފައިވާއިރު އޭނާ ހަށިގަނޑު ފެނިފައި މިވަނީ ގެއްލުނުތާ 3 ދުވަސް ފަހުންނެވެ.