
އަޅުގަނޑުމެން ކޮންމެ މީހަކީ ދުނިޔެވީ ދިރިއުޅުމުގައި ތަފާތު އެކިކަންކަމުގައި އަވަދިނެތި އުޅެމުންދާ ބަޔަކީމެވެ. ވަޒީފާގައި ނުވަތަ ދިރިއުޅުމުގެ ކޮންމެ ވެސް އެހެންކަމެއްގައި ވަގުތުތައް ހޭދަވެގެންދާ ގޮތް ވެސް ނުއެނގި ތިއްބައި، އެ ދުވަސް ޙަޔާތާ އަލްވަދާޢުކިޔައެވެ. ނަމަވެސް ޙަޔާތުގެ ދުވަސްތަކުގައި އަވަދިނެތިވެ އުޅެމުން ވެސް ވަރަށް ފަސޭހައިން ހެޔޮކަން ހޯދޭނެ ގޮތްތައް ބައިވަރެވެ. މިގޮތުން ކޮންމެ ދުވަހަކު 1000 ހެޔޮކަން ހޯދޭނެ މިއީ ވަރަށް ފަސޭހަ މަގެކެވެ.
ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން ސަޢުދު ބިން އަބީ ވައްޤާސް ރަޟިޔަﷲ އަންހު ވިދާޅުވެފައި ވެއެވެ. “ތިބައިމީހުންގެ ތެރެއިން މީހަކަށް ކޮންމެ ދުވަހަކު 1000 ހެޔޮކަން ޙާޞިލްކުރުމަށް، ތިޔަބައިމީހުން ނުކުޅެދިގެންވޭ ހެއްޔެވެ؟ ތިޔަބައިމީހުން ކޮންމެ ދުވަހަކު މި ފަދައިން 100 ފަހަރު ކިޔާށެވެ. “سبحان الله” އޭރުން ތިޔަބައިމީހުނަށް 1000 ހެޔޮކަން ލިޔުއްވޭނެއެވެ. ނުވަތަ 1000 ފާފަ ފުއްސެވޭނެއެވެ.”
މިއީ ކިހައި ފަސޭއިން އަޅުގަނޑުމެންނަށް ކުރެވިދާނެކަމެއްތޯއެވެ. ވަޒީފާގައި އިންނަ ވަގުތު، މަގުމަތީގައި ހިނގާފައި ދާއިރު ނުވަތަ ދުއްވައިފައިދާ ވަގުތުގައި ވެސް މިފަދައިން ކިޔާލެވިދާނެ ނޫންތޯއެވެ. އަޅުގަނޑުމެންގެ ހުސްވަގުތުތަކާއި އަވަދިނެތިވެ އުޅޭ ވަގުތުތަކުގައި ވެސް ހެޔޮކަމެއްގެ މަތީގައި ތިބެވިދާނެއެވެ.
ހެޔޮކަމެއް ކުރާކަށް ، ހެޔޮކަމެއް ހޯދާކަށް ހުސްވަގުތު ލިބުން އެއީ ލާޒިމުކަމަކަށް ނުވެއެވެ. އިޚްލާޞްތެރިކަމާ އެކު ކޮށްލެވޭ މި ފަދަ ކަންކަމީ މީޒާނުގައި ބަރު އަދި ޙަޔާތަށް އޭގެ ސަބަބުން ހެޔޮ އެތައް ބަދަލެއް ގެނެސްދޭނެ ކަންކަމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އިހްސާސް ހަޔާތަށް ބަންޑުންކޮށްލައިދޭނޭ އަޅުކަމެކެވެ.

