
ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގަން ދޭ ހަރަދު އުނިކޮށް، ނައިބު ރައީސުންނަށް މާލީ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސުމްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދެވެ.
އެ ބިލުގައި އޭނާ ހުށަހެޅުއްވީ ކުރީގެ ރައީސުންނަށް އޮފީސް ހިންގަން ދޭ 175،000 ރުފިޔާ އުނިކޮށް، ނައިބު ރައީސުންނަށް އިނާޔަތެއްގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށެވެ. އަދި ކުރީގެ ނައިބު ރައީސުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ނަމަވެސް އެ ބިލު ދިރާސާ ކުރިއިރު، މާލިއްޔަތު ކޮމެޓީން ވަނީ ނައިބު ރައީސުންނަށް ދޭ ކަނޑައަޅާ އިނާޔަތް 30000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. ކޮމެޓީން ފާސްކުރި ގޮތަށް، މިއަދު މަޖިލީހުގެ ތަޅުމުން އެ ބިލު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ.
އެ އިނާޔަތް ލިބޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވަނީ ފަސް އަހަރުގެ ދައުރެއް ފުރިކަމަށް ކުރައްވާފައިވާ ނައިބު ރައީސުންނަށް ކަމަށެވެ. އެހެންކަމުން އެ އިނާޔަތް ލިބޭނީ ކުރީ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމަށް އެކަންޏެވެ. އެހެން ސަރުކާރުތަކުގައި ދައުރު ހަމަނުވަނިސް ނައިބު ރައީސުން ވަނީ ބަދަލުވެފަ އެވެ.

