ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުން ދަނިކޮށް ފަރަށް އެރި “ގުރުވަ 1” ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މައުލޫމާތު ރޭ 23:24 ހާއިރު ކަމަށެވެ.
އެ ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބާކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބާކްރާފްޓްއަށް ނަގާފަ އެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.