
ޅ. ކުރެންދޫ ކައިރީގައިވާ ޅޮސްއަލިފުއްޓަކީ ކުރެންދޫ ރައްޔިތުން އެދޭގޮތަށް އެ ރަށުގެ ބައެއްގެ ގޮތުގައި ހަދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެންދުއަށް ވަޑައިގެން ކުރެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަންކަމަށެވެ. އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކުރެންދޫގެ ބިމުގެ ދަތިކަން ހައްލުކޮށް ދެއްވުމަށެވެ. އެހެންކަމުން އެ ރަށުގެ ކައިރީގައިވާ ޅޮސްއަލިފުއްޓަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހައްދަވައިދެއްވާނެކަމަށެވެ.
” ރައްޔިތުންނަށް ދަންނަވާފައިވާނެ މިތާކައިރީގައި އޮތް ޅޮސްއަލިފުށި މި ރަށުގެ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދޭނެކަމަށް. އެ މަސައްކަތް ކުރަމުން މިދަނީ. އިނގިވަޑައިގަންނަވާނެފަދައިން އެ ރަށަކީ ކުރީގެ ސަރުކާރުން އެހެން މަޝްރޫއުއެއްގެ ބޭނުމަކަށް ހަވާލުކޮށްފައި އޮތް ރަށެއް. އެހެންވީމާ އެފަރާތުން 2 ޕާޓީއަކާއިއެކު އެގްރިމަންޓް ހަދާފައި އޮތް ރަށަކަށް ވާތީ އެގްރިމަންޓްގެ ޓާމްސްތަކާއި ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން އެރަށް ދައުލަތަށް ގެއްލުން ނުވާގޮތަށް ނަގާ ތިބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ.” ރައީސް ވިދާޅުވިއެވެ.
މިދަތުރުފުޅުގައި ވަނީ ކުރެންދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފައެވެ. އޭގެތެރޭގައި ކުރެންދޫ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ޢަމަލީ މަސައްކަތާއި ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތާއި އަދި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވަނީ ފައްޓަވައިދެއްވައިފައެވެ.
ކުރެންދުއަށް ފަހު އެމަނިކުފާނު ވަޑައިގަތުމަށް ދެން ހަމަޖެހިފައި ވަނީ ހިންނަވަރަށެވެ.

