
އޮސްޓްރޭލިއާގެ ސިޑްނީގައި އޮންނަ މަޝްހޫރު ބޮންޑައި ބީޗުގައި ޔަހޫދީންގެ ހަނުކާ ނަމަކަށް ކިޔާ ފެސްޓިވަލެއް ފާހަގަކުރަނިކޮށް އިއްޔެ ބަޑިން ހަމަލާ ދިން މީހަކު ހުއްޓުވަން މަސައްކަތްކުރި މުސްލިމް މީހާއަށް ބޮޑު ސަމާލުކަމެއް ލިބި، އާންމުންގެ މެދުގައި އޭނާ ބަތަލަކަށް ވެއްޖެއެވެ.
މި ހަމާލާ ދީފައި ވަނީ ބަޑި ހިފައިގެން ތިބި ދެ މީހެކެވެ. 11 މީހުން މަރުވި މި ހަމަލާ ދިން އެކެއްގެ އަތުން ބަޑި އަތުލައި، އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރި ބަތަލަކީ އުމުރުން 43 އަހަރުގެ އަހުމަދު އަލްއަހުމަދު ކިޔާ މީހެކެވެ.
މިހާރު ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ގަހެއްގެ ފުރަގަހުގައި ހުރެގެން ބަޑި ޖަހަމުންދިޔަ މީހާއަށް ފާރަލާން އަހުމަދު ހުރީ އޭގެ ފަހަތުގައި ކާރެއް ފަހަތުގައެވެ. ބަލަން ހުރުމަށް ފަހު އޭނާ ވަނީ ބަޑިޖަހަން ހުރި މީހާގެ ފަހަތުން އޮޅުލައިގަނެ، އޭނާ ބިންމައްޗަށް ވައްޓައިލުމަށް ފަހު ބަޑި ޖަހައިގެންފައެވެ. އަދި ހަމަލާ ދިން މީހާއާ ދިމާލަށް ބަޑި ދިއްކުރުމުން އޭނާ ވަނީ ފިލާން މަސައްކަތްކޮށްފައެވެ.
އެއަށް ފަހު އަހުމަދު ވަނީ ބަޑި ބިންމަތީ ބޭއްވުމަށް ފަހު ދެ އަތް މައްޗަށް ނަގައި، އޭނާއަކީ ނުރައްކަލެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން ކައިރީ ބުނެފައެވެ.
މިހާރު ބަތަލެއްގެ ގޮތުގައި އެ ގައުމުން ބުނަމުންދާ އަހުމަދަކީ މޭވާއާއި ތަރުކާރީ ވިއްކާ މީހެކެވެ. ދެ ކުދިން ވެސް ތިބޭ އަހުމަދުގެ ގަޔަށް މި ހާދިސާގެ ތެރެއިން ދެ ވަޒަން އަރައިފައިވެއެވެ. އޭނާގެ އާއިލާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާގެ ސާޖަރީއެއް ހަދައި މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ހަމަލާގެ ތެރެއިން ފުލުހުން ވަނީ ހަމަލާ ދިން އެކަކު ސީނުގައި ހުއްޓައި ބަޑިޖަހައި މަރައިލައިފައެވެ. އަނެއް މީހާއަށް ވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތައްވެފައެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި ހާދިސާގައި 11 މީހުން މަރުވެފައިވާއިރު 29 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

