![]()
ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް)ގެ “ސްޓާޓްއަޕް ގްރާންޓް 2025” ލިބޭ ފަރާތްތައް ހޮވައިފިއެވެ.
ބީއެލްއެމްއިން ވަނީ، މިއަހަރު 3 ފަރާތަކަށް ސްޓާޓްއަޕް ގްރާންޓް ދެއްވައިފައެވެ.
އެގޮތުން މިއަހަރު ސްޓާޓްއަޕް ގްރާންޓް ފުރަތަމަ ލިބިފައި ވަނީ، އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއެކު ފެމެލީ ކެފޭއެއް ޤާއިމުކުރުމަށް ޓަކައި “ރަށި ޕާކް”ގެ ނަމުގައި ޕްރޮޕޯސަލް ހުށައަޅާފައިވާ އިބްރާހީމް މިފްޟާލް ފަޔާޟްއަށެވެ. މިމަޝްރޫއުގެ ދަށުން ކުޑަކުދިން ކުޅުމަށް ޓަކައި އިންޑޯ ޕާކުގައި ވަސީލަތްތައް ގާއިމުކުރުމާއި، ބެލެނިވެރިންނަށް ކާބޯތަކެއްޗާއި، ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ, އައްޑޫ ސިޓީގައި ތަރައްޤީ ކުރާ މިފަދަ ފުރަތަމަ ޕާކެވެ.
ދެވަނައަށް ހޮވިފައި ވަނީ، “ރަށު ޕްލާސްޓިކް ޕްރޮޖެކްޓް”ގެ ނަމުގައި މުޙައްމަދު މިމްރާޙް ހުށައަޅާފައިވާ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ތަކެތި އުފެއްދުމަށް ހުށައަޅާފައިވާ ޕްރޮޕޯސަލްއަށެވެ. މިމަޝްރޫއުގެ ރީސައިކްލިންގ ސެޓަޕް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ވ.ފެލިދޫގައެވެ. މީގެ ދަށުން އެއްކުރާ ޕްލާސްޓިކް ބޭނުން ކޮށްގެން ގަޑިއާއި، ކީޗެއިން އަދި އަވިއައިނު ފަދަ ވިއްކޭނެ ބާވަތްތަކުގެ ތަކެތި އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްގެ ސްޓާޓްއަޕް 3ވަނަ ގްރާންޓް ލިބުނީ، ހުޅުމާލޭ ފޭސް 2 ގައި ލޭޑީބަރޑް ކިންޑަރގާޑެންއެއް ތަރައްޤީކުރުމަށް ޓަކައި ޝައްމާ ނަދީމަށެވެ. މި މަޝްރޫއުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢުމުރުން 3 އަހަރާއި، 6 އަހަރާއި ދެމެދުގެ ކުދިންނަށް، އެކުދިންގެ ޢުމުރާ ގުޅޭ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ކަރިކިއުލަމްގެ ސްޓޭންޑަޑްތަކާ އެއްގޮތަށް ދީނީ ތަރުބިއްޔަތު ދިނުމަށް އިސްލާމިކް އަރލީ ލަރނިންގ ސެންޓަރެއް ގާއިމުކުރަންޖެހެއެވެ.
ބީއެމްއެލްއިން ބުނީ، ސްޓާޓްއަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައިވަނީ، 2 ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަނަކަށް ފަހު ކަމަށެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް ދެވަނަ މަރުޙަލާގައި އެވިޔަފާރިތަކުން ވިޔަފާރީގެ ޕްލޭން ހުށައަޅައިގެން ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓްއަޕް ގްރާންޓަކީ، ވިޔަފާރީގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ އެހީގެ ގޮތުގައި ބީއެމްއެލްއިން ދޭ 5 ލައްކަ ރުފިޔާގެ ފަންޑެކެވެ. މިގޮތުން ބީއެމްއެލްއިން ދަނީ، ކޮންމެ އަހަރަކުވެސް މިގޮތަށް އެހީ ލިބޭ ފަރާތްތައް ކަނޑައަޅާ އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެން ދޭ ހަތަރުވަނަ އަހަރެވެ.
