
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގެނުމުގެ އައު ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ އެހީތެރިކަމާ އެކު މާލޭގެ އަމީނިއްޔާ ސްކޫލުގައި “އައިވޮންޑަރ” ގެ ނަމުގައި ޒަމާނީ ސެންސަރީ ކްލާސްރޫމެއް ޤާއިމުކޮށްފިއެވެ.
މި ޚާއްޞަ ކްލާސްރޫމަކީ އެފަދަ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ތަރައްޤީއަށް އެންމެ އެކަށީގެންވާ ގޮތަށް، ކިޔެވުމަށް ލޯބިޖެހޭނެ ފަދަ އުފާވެރި މާޙައުލެއް ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެއްކަމަށް ޤައުމީ ބޭންކުން މަޢުލޫމާތުދެއެވެ. މި މަޝްރޫޢުގެ ދަށުން ކްލާސްރޫމް އެއްކޮށް މަރާމާތުކޮށް، ކިޔަވައިދިނުމަށް ބޭނުންވާ އެންމެހާ އާލާތްތަކާއި ޒަމާނީ ވަސީލަތްތައް ހޯދައިދީފައި ވަނީ ސީދާ ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.
އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި މިވަގުތު ވެސް 170 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ. ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތަޢުލީމީ ވަސީލަތްތައް ފޯރުކޮށްދިނުމަކީ އެ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
Our support for SEN students continues with the development of a sensory classroom named “IWonder” at Aminiya School! 📚
Through this project, we provided the required equipment to develop the classroom, including essential improvements to enhance the overall learning… pic.twitter.com/A6dSUafCol
— Bank of Maldives (@bankofmaldives) April 7, 2026
މި މަސައްކަތުގެ ތެރެއިން މީގެ ކުރިންވެސް ބީއެމްއެލް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން އިމާދުއްދީން، ހިރިޔާ، ސަލާހުއްދީން، ވޭމަންޑޫ އަދި ގާފަރު ސްކޫލުގެ ސެން ކްލާސްތައް ތަރައްޤީކުރުމަށް އެހީތެރިވެދީފައިވާއިރު، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ 40 އަށްވުރެ ގިނަ ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ މުހިންމު އާލާތްތައް އެ ބޭންކުން ވަނީ ހަދިޔާކޮށްފައެވެ.

