
ށ. އަތޮޅުގެ ބިލެތްފަހިގައި އަލަށް ޤާއިމުކުރުމަށް ރޭވިފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި އެއަރޕޯޓް މަޝްރޫޢުގެ ބިން ހިއްކުމުގެ ބުރަ މަސައްކަތް ހަވާލުކުރެވިފައި ވަނީ، ދިވެހިރާއްޖޭގެ އެއަރޕޯޓުތައް ހިންގާ ދައުލަތުގެ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށެވެ.
ބިލެތްފަހި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 36ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިންހިއްކުމުގެ މަސައްކަތް އަންނަ 8މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދު ކުރެވެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 1500މީޓަރުގެ ދިގު ރަންވޭއަކާއި، މުނިފޫހިފިލުވުމުގެ ޚިދުމަތްތަކާއެކު ދަތުރުވެރިންނަށް ފަސޭހަވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ށ. ބިލެތްފަހި އެއަރޕޯޓްގެ މަސައްކަތް އަންނަ 30މަސް ދުވަހުގެ ތެރޭގައި ނިންމަވައި، އާންމުންނަށް ހުޅުވާލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ފަސޭހަ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، މުޅިން އަލަށް 15އެއަރޕޯޓެއް ޤާއިމުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ބޮޑު ޕްލޭނުގެ ދަށުން ގިނަ އެއަރޕޯޓުތަކުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ. ށ. ބިލެތްފަހިގެ އެއަރޕޯޓަކީ މި 15އެއަރޕޯޓުގެ ތެރެއިން ހިމެނޭ، މުސްތަޤުބަލުގައި ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ ފައިދާތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ އެއަރޕޯޓެކެވެ.

