
ރޯދަ ވީއްލާ ވަގުތު ގިނަ މީހުންނަށް ކެއުމުގައި އެއްވެސް “ކޮންޓްރޯލް”އެއް ނޯވެއެވެ. މުޅި ދުވަހު ހުސްބަނޑާ ހުރުމަށްފަހު ކާން ލިބުނީމާ ވާނީވެސް އެހެންތާއެވެ. ނަމަވެސް އެއީ ހަށިގަނޑަށް ނުރައްކާވެދާނެ ކަމެއްކަން ގިނަ މީހުންނަކަށް އަންދާޒާއެއް ނުކުރެވެއެވެ.
ޑައިޓީޝަނުން ބުނަނީ ރޯދަ ވީއްލާ ވަގުތު ކާންވާނީ ވަރަށް ކުޑަކޮށް ކަމަށެވެ. އެގޮތުން އެގަޑީގައި އެންމެ ރަނގަޅީ 300-500ކެލޮރީސްގެ ކާތަކެތި ކެއުމެވެ. ފަސޭހައިން ހަޖަމުވާފަދަ ތަކެތި ކެއުމަކީވެސް ރަނގަޅު ކަމެކެވެ. އެންމެ ފަސޭހައިން ހަޖަމުވާނީ ދިޔާ ތަކެއްޗެވެ.
ދިޔާ ތަކެތި ބުއިން އިތުރުކޮށް، ލޯ-ފައިބާ އަދި ލޯ-ފެޓްގެ އިތުރުން ހައި-ޕްރޮޓީން ހިމެނޭ ކާތަކެތި އެގަޑީގައި ކެއުމަށް ސަމާލުކަން ދޭންވާނެ ކަމަށް ޑައިޓީޝަނުން ލަފާދެއެވެ. އޭގެތެރޭގައި، ބިސް، ތަރުކާތީގެ އެކި ބާވަތްތައް ހިމެނެއެވެ.
ރޯދަ މަހު ކެއުން އެންމެ ރަނގަޅު ގޮތަކީ ކުދިކުދި ޕޯޝަންތަކެވެ. އަވަހަށް ބަނޑުހައިވާނަމަ ދެގަޑިއިރުން ދެގަޑިއިރުން މަދުން ކެވިދާނެއެވެ. އަދި ގިނައިން ފެން ބޯންވާނެއެވެ.
ރޯދަ ވީއްލާ ވަގުތު ކެއުމުން ދުރުވާންވީ ވަރަށް ގިނަ ތަކެތި ހުރެއެވެ. ކިތަންމެ މީރުވިޔަސް އެ ތަކެއްޗަކީ ހަޑިގަނޑަށް އެތައް ނުރައްކަލެއް ކުރިމަތި ކުރުވާ ތަކެއްޗެވެ. އޭގެތެރޭގައި ތެލުލި ކާތަކެއްޗާއި، ޑެއިރީ ޕްރޮޑަކްޓްސް، ހަކުރު، ހައި-ފައިބާގެ އިތުރުން ބަނޑު ފުރެންދެން ކެއުން ހިމެނެއެވެ.
އެއްފަހަރާ ގިނައިން ކާނަމަ ގޭހުގެ އުނދަގޫވުމާއި، ހަޖަމު ނުވުމުގެ އިތުރުން ބޮލުގައި ރިއްސުންފަދަ ކަންކަން ކުރިމަތިވެދާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.
ރޯދަ މަހަކީ ގިނަ ބަޔަކަށް މީރު ކެއުމުގެ މަހެކެވެ. ނަމަވެސް އިސްރާފުވާވަރަށް ކާތަކެތި ހެދުމާއި، މީހާއަށް ކެތްނުވާވަރަށް ކެއުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

