
ދެކުނު އެމެރިކާގައި ދަތުރުކުރި ކްރޫޒް ލައިނާއަކުން ހަންޓާ ވައިރަސް ފެނުމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން އެޗްޕީއޭއިން ހާލަތު ގާތުން ބަލަމުންދާއިރު، މި ބަލި ރާއްޖެއަށް އައުމުގެ ނުރައްކާ އޮތީ ކުޑަކޮށް ކަމަށް އެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަށަވަރުކޮށްދީފިއެވެ.
އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާތަނަށް ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކުން މި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައެއް ނުވެއެވެ. އަދި ބަލިޖެހިފައިވާ ފަރާތަކާ ކޮންޓެކްޓުވި އެއްވެސް މީހަކު ވެސް ރާއްޖެއިން ފާހަގަކުރެވިފައި ނުވާކަމަށް ސިއްޙީ އިދާރާއިން ވަނީ ޔަޤީންކަން ދީފައެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި މިކަން ހިނގަމުންދާގޮތަށް ބަލާއިރު، ދެކުނު އެމެރިކާ ބައްރުގައި ދަތުރުކުރަމުންދިޔަ ފަތުރުވެރިން އުފުލާ އުޅަނދަކުން މިހާތަނަށް ފަސް މީހަކަށް މި ވައިރަސް ޖެހިފައިވާކަން ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއަށް މި ބަލީގެ ބިރުވެރިކަން މިވަގުތު ކުޑަ ނަމަވެސް، ކަމާބެހޭ ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން އެޗްޕީއޭއިން ދަނީ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ. އަދި މިކަމާ ގުޅޭގޮތުން އާ މަޢުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން އާންމު ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

