
ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް، ދާދި ފަހުން ޕީއެންސީއާ ގުޅިވަޑައިގަތް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މިދިޔަ އެމްޑީޕީ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި މަހުލޫފު ޕީއެންސީއާ ގުޅިވަޑައިގަތީ ރައްޔިތުންގެ ތާއީދު އޮތްކަން ދައްކައިލަން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހުލޫފު އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އެއަށްފަހު ރިޔާސަތުން ވަނީ އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވައިފަ އެވެ.
އެމްޑީޕީގެ ލީޑާޝިޕްގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ. ޕާޓީން ވަކިވި ސަބަބު އޭރު ހާމަނުކުރިޔަސް، ޕީއެންސީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް އޮތީ އަރައިފަ އެވެ.
ވެރިކަން ބަދަލުވި ހިސާބުން ފެށިގެން މަހުލޫފު ހުންނެވީ ވެސް ސިޔާސީ ކަންކަމާ ދުރުގަ އެވެ.

