
ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ދައުވާ ކޮށްފައިވާ ރައުދު އަހުމަދު ޒިލާލް 27 ދުވަހަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް އުފުލާފައި ވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާ އުފުލީ، ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ އާއި، އެހީތެރިކަން ހޯދުމަށް މަސައްކަތް ކޮށްފައި ވެސް ނުވާތީ އެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ރައުދު ވަނީ ކުށަށް އިއުތުރާފްވެފަ އެވެ. އެހެންވެ މިއަދު ބޭއްވި އަވަސްނިޔާގެ އަޑުއެހުމުގައި ވެސް އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.
ރައުދު ކުށަށް އިއުތިރާފްވެފައިވާތީ، އޭނާގެ މައްޗަށް އުފުލާފައި ދައުވާގެ ކުށުގެ އަދަބުން އެއް ދަރަޖަ ވަނީ ކުޑަކޮށްފަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް އިއްވާފައި ވަނީ 27 ދުވަހުގެ އަދަބެކެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އެ މުއްދަތު ބަންދުގައި ހޭދަކޮށްފައިވާތީ، ދެން އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނެތް ކަމަށް އޭނާގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލައިގައި ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. ބަންދުން ދޫކޮށްލީ މޭމަހުގެ 26 ވަނަ ދުވަހު އެވެ.

