
ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހަރ. އެކްސަލަންސީ ސަނޭ ޓަކައިޗީ، އަލުން އިންތިހާބުކުރުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.
ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލިހުން އެކަމަނާ އައު ދައުރަކަށް ހޮއްވެވުމަކީ ބޮޑުވަޒީރުކަމުގެ ލީޑަރޝިޕާއި ތަޖުރިބާއާއި ޤާބިލުކަމާ އެކު، އެކަމަނާގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަން ދައްކުވައިދޭ ކަމެއްކަމުގައި ވަނީ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުމަށް 2027ވަނަ އަހަރު 60އަހަރު ފުރޭކަން ފާހަގަކުރައްވައި، ޖަޕާނުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ދިވެހި ރައްޔިތުން އެކަމަކަށް، އިޚްލާޞްތެރިކަމާއެކީ ޝުކުރުވެރިވާ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކާ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެ މަނިކުފާނުގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ޖަޕާނުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

