
ޒޯން ދޭއްގައި ހިމެނޭ ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު އާރުޓީއެލް ފެރީގެ ދަތުރުތައް މާދަމާ ފަށަން ނިންމައިފި އެވެ.
އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އަދި ރ. އަތޮޅުގައި މިދިޔަ ޖޫން މަހު އޮތީ އާރުޓީއެލްގެ ހިދުމަތް ފަށައިފަ އެވެ.
ނަމަވެސް އެ ދެ އަތޮޅާ ދެމެދު މިހާތަނަށް ވެސް އާރުޓީއެލްގެ ފެރީގެ ހިދުމަތް އޮތީ ނުފަށަ އެވެ.
އާރުޓީއެލްގެ ހިދުމަތް ދޭ އެމްޓީސީސީން މިއަދު ބުނީ ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު އާރްޓީއެލްގެ ވިއުގައިން
މާދަމާ ހިދުމަތް ފަށާނެ ކަމަށާއި އެ ދެ އަތޮޅާ ދެމެދު ދަތުރުތައް ބާއްވާނީ ނ. މަނަދޫއާއި ރ. އުނގޫފާރުގައި ކަމަށެވެ.
އެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ފެރީއެއް ކަމަށާއި އަދި އެ ދެ ފެރީގައި އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެ ސީޓުވެސް ހާއްސަ ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
“ރ. އަތޮޅާއި ނ. އަތޮޅާއި ދެމެދު އާރުޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެން ދިއުމާއެކ،ު މިދެއަތޮޅުގެ
ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެ އެވެ” އެމްޓީސީސީން ބުންޏެވެ.
މިހާރު އާރުޓީއެލްގެ ހިދުމަތް ނުލިބެނީ ކ. އަތޮޅާއި އއ.. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހު އާރުޓީއެލްގެ ނުލިބޭ ހުރިހާ އަތޮޅަކަށް ހިދުމަތް ލިބެން ފަށާނެ ކަމަށެވެ.

