
ހޮންކޮންގްގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 75އަށް އަރައިފިއެވެ.
އެ ގައުމުގެ ޓައިޕޯ ޑިސްކްޓްރިކްޓްގެ ވަންގް ފުކް ކޯޓް ކޮމްޕެލްކްސްގެ 8 އިމާރާތުގެ ތެރެއިން 7 އިމާރާތަށް ފެތުރުނު މި އަލިފާނުގެ ހާދިސާގައި ސީރިއަސް އަނިޔާ ލިބުނު މީހުންގެ އަދަދު ވެސް ވަނީ 70އަށް އަރައިފައެވެ. މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގެ ދެވަނަ ދުވަސް ގުނަމުންދާއިރު އަދިވެސް ނުހޯދޭ އަދަދު ކަށަވަރެއް ނުވެއެވެ. މީޑިއާތައް ބުނާ ގޮތުގައި އެ އިމާރާތްތަކުގައި ދިރިއުޅޭ ޖުމްލަ 279 މީހުންނާ މުވާޞަލާތްކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މި ހާދިސާގައި މަރުވި 75 މީހުންގެ ތެރެއިން އެކަކީ ހާދިސާގައި މީހުން ސަލާމަތްކުރުމަށް ޙަރަކާތްތެރިވި ފަޔަރ ފައިޓަރއެކެވެ. ޖުމްލަ 760 ފަޔަރ ފައިޓަރުން އެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާކަމަށް މީޑިއާތައް ބުނެއެވެ.
ވަންގްފުކް ކޯޓް ކޮމްޕްލެކްސްއަކީ 1983ވަނަ އަހަރު ބިނާކުރި މީހުން ދިރިއުޅޭ އިމާރާތްތަކެކެވެ. 2001ވަނަ އަހަރުގެ އެ ގައުމުގެ ބޯހިމެނުން ދައްކާ ގޮތުގައި އެ 8 އިމާރާތުގައި ހިމެނޭ 1984 އެޕާޓްމަންޓްގައި 4600 މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން 40އިންސައްތައަކީ 65އަހަރުން މަތީގެ އިސްރަށްވެހިންނެވެ.
އެ ގައުމުގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި އަލިފާން އެހާ ފަސޭހައިން ފެތުރިގެން ދިޔަ އެއް ސަބަބަކީ އިމާރާތްތަކުގެ ބޭރުގައި ހުރި މެޓީރިއަލްތަކަކީ އަލިފާން ހިފާ ފަދަ މެޓީރިއަލްތަކަށް ވުމެވެ. އެ ގޮތުން އިމާރާތްތަކުގެ މަރާމާތަށް އޮނު ޖަހަފައިފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން އެ ގައުމުގެ އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ އެ އިމާރާތްތަކުގެ ކޮންޓެކްޓަރުންނާ ގުޅޭ ތަހުގީގެއް ހިންގަމުންނެވެ. އަދި ފުލުހުން ވެސް ވަނީ ކޮންޓެކްޓަރުންގެ ތިން މީހަކު ހައްޔަރަށް ގެންގޮސްފައެވެ.
މި ހާދިސާގައި ސަލާމަތް ކުރެވުނު މީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދީ ވަގުތީ ބޯހިޔާވަހިކަމަށް ދަނީ ބަދަލުކުރަމުންނެވެ. އެ ގައުމުގެ ލީޑަރު ޖޯން ލީ ވަނީ މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް 38.5 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް ކަނޑައަޅައިފައެވެ.

