
ހުޅުމާލެ ފޭސް 3ގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކާއި އެހެނިހެން ތަކެތި ނެގުމަށް އެންމެ ފަހު ފުރުސަތު ދީފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން ނެރެފައިވާ ޢިއުލާނެއްގައި ވަނީ، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާތީ، ކުރިން އުޅަނދުތައް ނެގުމަށް އެންގި ނަމަވެސް، ބައެއް އުޅނަދުތައް ނަގާފައިނުވާތީ އެ ކޯޕަރޭޝަނުން އެ މަސައްކަތް ފަށާއިވާކަމަށެވެ. އަދި އެ ތަކެތި ނެގުމަށް ދެވޭނެ އެންމެ ފަހު ތާރީޚަކީ 27 ނޮވެމްބަރު 2025 ވަނަ ދުވަހުގެ 23:59ގެ ކުރިން ކަމަށާއި އެ މުއްދަތުގެ ފަހުން ނުނަގާ ތަކެތި ނެގުމުގައި ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް އެޗްޑީސީ ބުނެފައިވެއެވެ.

މި ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް އެޅުމަށް ވަގުތީ ގޮތުން ޚާއްޞަކުރެވިފައިވާ ސަރަހައްދަކީ ކ. ގުޅީފަޅު، ކ. ކުޑަގިރި އަދި ކ. ތިލަފުށި ފަޅުތެރެއިން ސަރަހައްދެއްކަމަށާއި ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް ޚާއްސަކުރެވިފައި ވަނީ ކ. ގުޅީފަޅު އަދި ކ. ތިލަފުށި ފަޅުތެރެއިން ސަރަހައްދެއްކަމަށް ވެސް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ހުޅުމާލެ ފޭސް3ގެ ބިން ހިއްކާ ނިމޭއިރު، ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް، އެތަނަކަށް ޚާއްޞަކުރެވިފައިވާ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫޢުއަކަށް، އެ މަޝްރޫޢުވާނެކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ.

