
ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ދިޔަ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކޮށް، 102 ފުޅި ބަނގުރަލާއި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ (34އ)، ރަސެލް މިއާ، ބަންގްލަދޭޝް (35އ)، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ (27އ)، ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ (35އ)ގެ އިތުރުން ހ. ބިންމަތީއާގެ / މާލެ، މުޙައްމަދު މަނިކު (52އ)ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝޭކަރު ހޮސައިންއާއި ރަސެލް މިއާ ފަސްދުވަހަށް، އަދި ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރައާއި ތަރަކާ ސަމަން ކުމާރަ ދޭވަ ހަތްދުވަހަށް އަދި މުޙައްމަދު މަނިކު ތިންދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

