ހިލޭ އައިނު ހަދައިދިނުމަށް ސަރުކާރުން ފެށި އިނީޝިއޭޓިވްގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގައި ވެސް އައިނު ފިހާރައެއް ހުޅުވައިފި އެވެ.
އެ އިނީޝިއޭޓިވްގެ ދަށުން އައިނު އެންމެ ފުރަތަމަ ހަދައިދޭން ފެށީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗުގަ އެވެ.
އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައި އެ ހޮސްޕިޓަލުގައި ވެސް ވަނީ އައިނު ފިހާރައެއް ހުޅުވައިފަ އެވެ.
އެ އައިނު ފިހާރަ ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލު ހިންގާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި އެ ހިދުމަތް ފެށުމަކީ އައިނުގެ އަގުބޮޑުކަމާއި އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް އަމާޒުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވި ވަރަށްވެސް އަގުހުރި ފިޔަވަޅެއް ކަމަށެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގެ ފަސް ރީޖަނަލް ހޮސްޕިޓަލުގައިވެސް އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
ގިނަ ބަޔަކު މިހާރު ވެސް ހިލޭ އައިނު ހައްދަން ނަންނޯޓުކޮށްފައިވާ އައިޖީއެމްއެޗުގެ އައިނު ފިހާރައިން 10 ދުވަސް ތެރޭގައި އެކަނިވެސް 700 އައިނު ހައްދާފައި ވެއެވެ.