ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހިޔާވެހި ފައިނޭންސިންގްގެ ލޯނު ސްކީމްއަށް ހުށަހެޅުމުގައި ލުއިދޭން ނިންމައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކޮށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު އެ ސްކީމުގެ ދަށުން ތިން ވައްތަރެއްގެ ލޯނު ދޫކުރާނެ އެވެ،
އޭގެ ތެރޭގައި ހިމެނެނީ:
- އާބަން ޑެވޮލަޕްމަންޓް ސެންޓަރުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
- ފުރަމާލޭގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
- ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެކްސްގައި ވިދާޅުވީ ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީ ކަމަށެވެ.
އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީއެވެ. އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން…
— Abdulla Muththalib (@muththo) April 21, 2025
“އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.” މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި، 25 އަހަރުގެ މުއްދަތުގެ ތެރޭގައި ދައްކާ ނިންމާ ގޮތަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެއް ކަމުގައިވާ ބޯހިޔާވަހިކަމުގެ ފޯރުކޮށްދިނުމަށް 5 އިންސައްތަ އިންޓަރެސްޓް ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސްކީމެވެ. އަދި އެއީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމް އެކެވެ.