
ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތު އޮތް މީހާ ހައްޔަރު ކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ހިނގި މިއަލިފާނުގެ ހާދިސާގައި އެ ގުދަން ވަނީ އަނދާ އަޅިއަށްވެފައެވެ.
ފުލުހުން މިރޭ ބުނީ އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މިމަހުގެ 22ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހުބާން 29އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
އެ ގުދަނުގައި ރޯވުމުގެ މިނެޓްކޮޅެއް ކުރިން ސައިކަލެއްގައި އައި މީހަކު އެގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވަނީ އާންމުވެފައެވެ. ރޯވެފައި ވަނީ އޭނާ އެގެއިން ނުކުތުމަށްފަހުއެވެ. އެހެންކަމުން އެގޭގައި ގަސްތުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކުރެވެއެވެ.

