
ހަ ކިލޯއަށް ވުރެ ގިނަ ޑުރަގު އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޔުތިޝް ރާޖް ރާޖަން (27އ)އާއި އީޝްވަރުމުރިތީ ޝަންމުގަމް (24އ)އެވެ.
ފުލުހުން ބުނީ އެ ދެ މީހުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލު ކުރުމުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މަހުގެ ތިން ވަނަ ދުވަހު ވެސް ވަނީ ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިންޑިއާ ދެ މީހަކު ހައްޔަރުކޮށްފައެވެ.

