
ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ ހައުސިން ސްކީމާއެކު ފިޝިން ލިންކުތައް އިތުރުވެފައިވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒް މިއަދު ވިދާޅުވީ އާންމުކޮށް ހައުސިން ސްކީމަކަށް ހުޅުވާލުމާއެކު ފިޝިން ލިންކުތައް ފޮނުވުމާއި އޯޓީޕީތައް ހޯދަން ގުޅުން އިތުރުވެގެންދާ ކަމަށެވެ.
އަދި ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ ހައުސިން ސްކީމާއެކު ވަރަށް ގިނަ ލިންކުތަކެއް ދައުރުވަމުންދާކަން މިހާރު ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
“މީގަ ހަމަ ވިސްނަވަންވީ ކަމަކީ ލިންކުތަކަށް ނުފިއްތެވުން، ސަރުކާރުން އިއުލާންކުރައްވާފައިވާ ގޮތަށް ގެޒެޓުން ފެންނަން އެބަހުރި ވަންނަން ޖެހޭ ޕޯޓަލް، އީފާސް މެދުވެރިކޮށް ވަންނަން މިޖެހެނީ. ލިންކަށް ފިތައިގެން ޒާތީ މައުލޫމާތައް ފިތާކަށް ނުޖެހޭނެ. ހަމަ ގެެޒެޓުގައި ހުރި ގޮތަށް ޕޯޓަލް މެދުވެރިކޮށް އީފާސް މެދުވެރިކޮށް އެކަންކަން ކުރައްވަން ވާނީ” ޝަހުނީޒް ވިދާޅުވިއެވެ.
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 500އަށް ވުރެ ގިނަ އެޕްލިކޭޝަން މިހާތަނަށް ހުށަހަޅައިފައި ވެއެވެ.
އެ ޕްރޮގްރާމުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 04މާރިޗު 2026ވާ ބުދަ ދުވަހުގެ 23:59 އެވެ. އަދި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17އޭޕްރިލް 2026ވާ ހުކުރު ދުވަހުގެ 23:59 އެވެ.

