
ހައިކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ރޭ ހުވާ ކުރައްވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކޮށްފައިވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ކްރިމިނަލް ކޯޓުގެ ގާޒީކަމުގައި ހުންނެވި އިސްމާއިލް ޝަފީއުއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކޮށްފައިވަނީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒެވެ.
ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ އެކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރެއްވި ރައޫފަކީ ކުރިން 11 އަހަރު އެކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ 2022 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި، ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލި މައްސަލަ ހޫނުވެ، އޭނާ ވަކިކުރަން ނިންމާފައި ވަނިކޮށެވެ.
ހައިކޯޓަށް ދެން އައްޔަނު ކުރެއްވި އިސްމާއިލް ޝަފީއު 2021 ވަނަ އަހަރު ކްރިމިނަލް ކޯޓަށް އައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައެވެ.
ގާޒީ ކަމަށް އައްޔަނުކުރި ނިޔާޒަކީވެސް 12 އަހަރު ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

