
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ލިބުނު 800,352 ޑޮލަރު ފޮރިން މިނިސްޓްރީ އާ ހަވާލު ކޮށްފި އެވެ.
މި ފައިސާ ހަވާލު ކޮށްފައި ވަނީ އެ ކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފައިސާ މިނިސްޓްރީ އާ ހަވާލުކޮށްފައި ވަނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދު އެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ފައިސާ އާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު އަބްދުﷲ ހަލީލު އެވެ.
ސިލޯނާއެކު ދިވެހިން ޓެލެތޯނަކީ ތޫފާން ދިތްވާ އާއި ގުޅިގެން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ.
ތޫފާން ދިތްވާ ގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 410 އަކަށް އަރާފައިވެއެވެ. ގެއްލުނު މީހުންގެ އަދަދު 336 އަރާފައިވެއެވެ.

