
ރާއްޖޭގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓެއްކޮށް ނުވަތަ ކޮށްފައިވާ ފަރާތްތަކަށް އެ އިންވެސްޓް ކޮށްފައިވާ ފަޅުން ނުވަތަ ރަށުން ބައެއް ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ ގޮތުގައި ކަނޑައެޅޭނެ ގޮތް ހަދައިފި އެވެ.
މި ބަދަލު ގެނެސްފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ޤަވާއިދަށް އެންމެފަހުން ގެނައި އިސްލާހާއެކުގ އެވެ. މި އިސްލާހުގެ ސަބަބުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ޝަރުތުތަކުގެ މަތިން އިތުރު ފަޅު ނުވަތަ ފިނޮޅު އެ ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަނުގެ ސަރަޙައްދުގެ ގޮތުގައި ހިމެނުމުގެ ފުރުސަތު ލިބެ އެވެ.
މި އިސްލާހުގައިވާ ގޮތުން މަދުވެގެން 250 މިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފައިވާ ނުވަތަ ކުރަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ފަރާތްތަކަަށް އިތުރުކުރާ ރަށް، ފަޅު ނުވަތަ ފިނޮޅުގެ ބޮޑުމިން 50 ހެކްޓަރަށް ވުރެ ބޮޑުނޫން ބައެއް ކުއްޔަށް ދެވިދާނެ އެވެ. އަދި އެ ސަރަހައްދު ހިމެނޭނީ މިހާރު ކުއްޔަށް ދޫކޮށްފައިވާ ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 1,000 މީޓަރުގެ (އެއްހާސް މީޓަރުގެ) ރޭޑިއަސްއެއްގެ ތެރޭގަ އެވެ.
މި އިސްލާހުގެ ސަބަބުން އިތުރުކުރަން ހުށަހަޅާ ފަޅުގެ ސަރަހައްދުގައި ހިމެނޭ ރަށް ނުވަތަ ފަޅު ނުވަތަ
ފިނޮޅު ކުއްޔަށް ހިފަން އެދި ހުށަހަޅާ ހުށަހެޅުންތަކާއެކު އިތުރު އެކުއެޒިޝަން ފީއެއް ދައްކަން ޖެހޭނެ އެވެ.
އެކުއިޒިޝަން ފީ ދައްކަން ޖެހޭ ގޮތް
20 ހެކްޓަރަށް ވުރެ ކުޑަ 500,000 ޑޮލަރު
20 އާއި 30 ހެކްޓަރާ ދެމެދު އެއް މިލިއަން ޑޮލަރު
30 އާއި 40 ހެކްޓަރާ ދެމެދު 1.5 މިލިއަން ޑޮލަރު
40 އާއި 50 ހެކްޓަރާ ދެމެދު ދެ މިލިއަން ޑޮލަރު
މި ބަދަލާއެކު ރިސޯޓުގެ ކުލި ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް ލިބެ އެވެ. ކުލި ދައްކަމުން ގެންދާނ،ީ ކޮންމެ އަހަރަކު ހަތަރު ބަޔަކަށް ބަހާލައިގެން ކުއާޓަލީ އުސޫލުންނެވެ.
އަހަރީ ކުލި ދައްކަން ޖެހޭ ގޮތް
20 ހެކްޓަރަށް ވުރެ ކުޑަ 100,000 ޑޮލަރު
20 އާއި 30 ހެކްޓަރާ ދެމެދު 200,000 ޑޮލަރު
30 އާއި 40 ހެކްޓަރާ ދެމެދު 300,000 ޑޮލަރު
40 އާއި 50 ހެކްޓަރާ ދެމެދު 400,000 ޑޮލަރު
މި މާއްދާގެ ދަށުން ފަޅުގެ ސަރަހައްދުގެ ގޮތުގައި އިތުރުކުރާ ސަރަހައްދުގައި ހިމެނޭ ރަށުގައި ނުވަތަ ފަޅުގައި ނުވަތަ ފިނޮޅުގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނުހިންގޭނެ އެވެ. އަދި ތަރައްގީކުރަމުން އަންނަ ތަނަކުން ފަޅުގެ ސަރަހައްދު އިތުރުކުރަން
ހުށަހަޅައިފައިވާ ނަމަ އެއްބަސްވުމުގައި ސޮއިކުރާތާ 36 މަސްދުވަހުގެ ތެރޭގައ،ި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށް
އިންވެސްޓްކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ.

