
ދިވެހި ޙާޖީންނަށް މިނާ އަދި އަރަފާތުން ކުރިން ލިބެމުންދިޔަ ޚިދުމަތްތައް “ސީ” ކެޓަގަރީން “ބީ” ކެޓަގަރީއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ފާއިތުވި އަހަރުތަކުގައި ދިވެހި ޙާޖީން މިނާ އަދި އަރަފާތުގައި އުފުލަމުންދިޔަ އުނދަގޫ، ދަތިތަކުން، “ސީ” ކެޓަގަރީގެ ޚިދުމަތްތަކުން “ބީ” ކެޓަގަރީގެ ލުއިފަސޭހަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށާއި މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚްގައި ދިވެހި ޙައްޖާޖީންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ދިން އަހަރުކަން ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެވުނީ މިހާރު ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްކަމަށާއި ރަވާފް މިނާގެ ފަރާތުން ސޮއިކުރީ ޗީފް އެގްޒެކެޓިވް އޮފިސަރ ޒުހައިރު ޢަބްދުލް ޙަމީދު ސަދާޔޯކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ދިވެހި ޙައްޖާޖީން ފާއިތުވި އަހަރުތަކުގައި މިނާގެ ފޭލިގެތަކާއި ފާޚާނާތައް ބޭނުންކުރަން ޖެހެނީ އެހެން ޤައުމުތަކުގެ ޙައްޖާޖީންނާއި އެކުގައެވެ. އަދި ކެއުމުގެ އިންތިޒާމްތަކާއި ނިދުމުގެ އިންތިޒާމްތައް ވެސް ހުންނަނީ ވަރަށް ދަތި، އުނދަގޫކޮށްކަން ފާހަގަކޮށްލެވެއެވެ.

