
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ މަރުކަޒުތަކަށް މަސް ގަންނަ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު މިފްކޯ އިން މަސް ކިލޯއެއްގެ އަގު 18.50 ރުފިޔާއަށް މަތިކުރުމަށް ފަހު، މިއަދު އަނެއްކާ ވެސް މަސް ގަންނަ ކިލޯއެއްގެ އަގުގެ ގޮތުގައި 20 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މިފްކޯގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން ކުރި ޕޯސްޓްގައި އާންމުކޮށްފައިވާ އަގު ލިސްޓުގައިވާ ގޮތުން ކަޅުބިލަ މަސް ގަންނާނީ ކިލޯއެއް 20 ރުފިޔާގެ ރޭޓުންނެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދު ބޮޑުކަންނެލި މަސް ވެސް ގަންނާނީ ކިލޯއެއް 20 ރުފިޔާގެ ރޭޓުންނެވެ. 15 ކިލޯއަށްވުރެ މަތިން ބޮޑުކަންނެލި މަސް ކިލޯއެއް ގަންނާނީ 25 ރުފިޔާގެ ރޭޓުންނެވެ.
މި އަގުގައި މިފްކޯގެ ހުރިހާ މަރުކަޒަކުން މަސް މަސްވެރިންގެ އަތުން ގަންނާނެއެވެ. އޭގެ ތެރޭގައި ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ގދ. ތިނަދޫ ބަނދަރު، ގދ. ފަރެސްމާތޮޑާ ބަނދަރު، ޏ. ފުވައްމުލަކު ބަނދަރު، އަދި ގއ. ދާންދޫ ބަނދަރު ހިމެނެއެވެ.
މަސް ގަންނަ ކިލޯއެއް 20 ރުފިޔާއަށްވުރެ ތިރިނުކޮށް ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

