
ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ނައްތާލެވުނު ތަކެއްޗަކީ މި އަހަރުގެ މެއި މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީ އެއަރޕޯޓުން ފުރުމަށް ދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި 53 ފުޅި ބަނގުރަލާއި 2 ދަޅު ބަނގުރާ ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
މި ތަކެތި ނައްތާލުމުގައި ޢަމަލުކޮށްފައިވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ޤަވައިދުގެ ދަށުން، އެކަމަށް އެކުލަވާލެވިފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

