
ރާއްޖޭގެ 36 މީހަކު އެއިޑްސް ބައްޔަށް ފަރުވާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ އެއިޑްސް ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއިން އަށް އަންހެނުންނާއި 45 ފިރިހެނުންނަށް އެއިޑްސް ބަލި ޖެހިފައިވާކަމަށެވެެ. އެއީ ޖުމްލަ 53 މީހުންނެވެ.
އެ މީހުންގެ ތެރެއިން 16 މީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށާއި އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 36 މީހަކު ބައްޔަށް ފަރުވާ ކުރަމުންދާކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން އެއިޑްސް އެންމެ ފުރަތަމަ ފެނުނީ 1991 ވަނަ އަހަރުއެވެ.
2004ވަނަ އަހަރުން ފެށިގެން އެއިޑްސް ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ މުޅިން ހިލެއެވެ. އެ ބައްޔަށް ފަރުވާއެއްގެ ގޮތުގައި ދެމުން އަންނަނީ އެންޓި ރެޓްރޯ ވައިރަލް ޓްރީޓްމަންޓްއެވެ.
ރާއްޖޭގައި އެއިޑްސް ބަލި ހުރިތޯ ބަލަން ކާކުކަން ނޭނގޭ ގޮތަށް ޓެސްޓު ކުރެވެއެވެ. އަދި އޭގެ ނަތީޖާ އެއްވެސް ފަރާތަކަށް ހާމައެއް ވެސް ނުކުރެއެވެ.

