
މި ހިނގާ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެގައި ބުނެފައި ވަނީ އީ-ވިސާއަށް ހުށަހެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެކަމަށާއި 23ވަނަ ދުވަހާ ހަމައަށް މި އޮތް މުއްދަތުގައި އީ-ވިސާއަށް ހުށައަޅަން ބޭނުންވާ ފަރާތްތަކުން ތައްޔާރުވުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.
މީގެއިރުތުން އިގްރޭޝަނުން ބުނެފައި ވަނީ މި ނޮވެމްބަރު މަހުގެ 20ވަނަ ދުވަހާ ހަމައަށް މިހާރު ވެސް ޢަމަލުކުރަމުންދާ ގޮތަށް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅޭކަމަށާއި 23 ނޮވެމްބަރުގެ ފަހުން ވިސާ ޖެހިފައިވީ ނަމަވެސް ނުނަގާ ހުރި ޕާސްޕޯޓްތައް ދޫކުރާނެކަމަށެވެ. އަދި ވިސާ ޖެހުމަށްފަހު ހުރިހާ ފަރާތްތަކުން ވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި ޕާސްޕޯޓްތައް ނެގުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.
ރާއްޖެއަކީ ގިނަ ޢަދަދަކަށް ވޯކް ވިސާގައި ބިދޭސީން އުޅޭ ގައުމަކަށްވެފައި، ވިސާގެ ޚިދުމަތްތައް ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ދިގުވެގެންދެއެވެ. ނަމަވެސް އީ-ވިސާގެ ސަބަބުން މި ޚިދުމަތްތަކަށް އަވަސްކަން ލިބިގެން ދާނެކަން ފާހަގަކޮށްލެވެއެވެ.
