
މިދިޔަ 70އަހަރު ތެރޭގައި ހޮންގްކޮންގްގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމަށް އެ ގައުމުގެ ފަޔަރ ރެސްކިޔްއިން ހިންގި އޮޕަރޭޝަން ހުއްޓާލައިފިއެވެ.
128މީހުން މަރުވި މި ހާދިސާ ހިނގައިފައި ވަނީ އެ ގައުމުގެ ޓައިޕޯ ޑިސްޓްރިކްޓްގެ ވަންގް ފުކް ކޯޓް ކޮމްޕެލްކްސްފައެވެ. މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި އެ ކޮމްޕެކްސްގެ 8 ޓަވަރުގެ ތެރެއިން 7 ޓަވަރުގައި އަލިފާން ރޯވެ ، އެނދިއެވެ.
އެ ގައުމުގެ މީޑިއާތައް ބުނާ ގޮތުގައި އިމާރާތުގައި އަލިފާން ރޯވެ ފެތުރުނު މައިގަނޑު ސަބަބަކީ އިމާރާތުގެ ބޭރުގައި ހުރި މެޓީރިއަލްގެ ބާވަތެވެ. މީގެ އިތުރުން އިމާރާތުގެ މަރާމާތަށް ޓަކައި އެ ޓަވަރުތަކުގެ ވަށައިގެން އޮނު ޖަހައި ނެޓް ދަމާފައި ވެސް ވެއެވެ. އަލިފާން ހިފައި ފެތުރެން ފެށިއިރު ފަޔަރ އެލަރމް ސިސްޓަމް މަސައްކަތް ނުކުރާކަމަށް ޚަބަރުތައް ބުނެއެވެ.
މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހުއްޓައިލިއިރު އަދިވެސް 200އަށް ވުރެ ގިނަ މީހުން ނުހޯދޭކަމަށް ވެއެވެ. ހޮންކޮންގްގެ ސެކިޔުރިޓީ ޗީފާ ޙަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ ސަލާމަތުން ހުރި އެއްވެސް މީހަކު ހޯދޭނެކަމުގެ އުއްމީދެއް ނެތް ކަމަށެވެ. އަދި ޓެމްޕަރޭޗަރ ދަށްވުމުން ފުލުހުން އެތަނަށް ވަނުމާ އެކު އިތުރު ހަށިތަކެއް ފެނިދާނެކަމަށެވެ.
މި ހާދިސާގައި މަރުވި 128 މީހުންގެ ތެރެއިން ވެސް ހަށިތައް ފިހިފައިވާލެއް ބޮޑުކަމުން ދެނެގަނެވިފައި ވަނީ 39 މީހުންނެވެ. ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކީ މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވި ފަޔަރ ފައިޓަރއެކެވެ. އަދި އަނިޔާ ލިބުނު 79 މީހުންގެ ތެރޭގައި ވެސް 12 ފަޔަރ ފައިޓަރުން ހިމެނެއެވެ.
1983ވަނަ އަހަރު ބިނާކުރި މި އިމާރާތްތަކުގައި 1984 އެޕާޓްމަންޓް ހުރެއެވެ. އެ ތަނުގައި ދިރިއުޅޭ 4600 މީހުންގެ ތެރެއިން 40 އިންސައްތައަކީ 65އަހަރުން މަތީގެ މީހުންނެވެ.
މި އަލިފާނުގެ ޙާދިސާއާ ގުޅިގެން ހޮންގކޮންގް ފުލުހުން ވަނީ މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޓަވަރުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުނިކަމަށްވާ، ޕްރެސްޓީޖް ކޮންސްޓްރަކްޝަންގެ ދެ ޑިރެކްޓަރުންނާއި އިންޖިނިއަރިންގ ކޮންސަލްޓަންޓެއް ހިމެނެއެވެ. ހަމައެހެންމެ ކޮރަޕްޝަންގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.
މި ހާދިސާގައި ސަލާމަތް ކުރެވުނު މީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދީ ވަގުތީ ބޯހިޔާވަހިކަމަށް ދަނީ ބަދަލުކުރަމުންނެވެ. އެ ގައުމުގެ ލީޑަރު ޖޯން ލީ ވަނީ މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް 38.5 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް ކަނޑައަޅައިފައެވެ.

